އުޑުތަކުގައިވާހާ އެއްޗަކާއި،
ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. ތިޔަބައިމީހުންގެ نفس ތަކުގައިވާ އެއްޗެއް، ތިޔަބައިމީހުން ފާޅުކުޅަޔަސް، ނުވަތަ
އެކަން ތިޔަބައިމީހުން ސިއްރު ކުޅަޔަސް އެކަމާމެދު، اللَّه، ތިޔަބައިމީހުންނާ (سؤال ކުރައްވައި) حساب ބައްލަވާނެއެވެ. ދެން، އެކަލާނގެ އިރާދަކުރައްވާ މީހަކަށް
ފާފަފުއްސަވާނެއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވާނެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ
ރަސްކަލާނގެއެވެ.﴿٢٨٤﴾
رسول އާއަށް،
އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި
އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ
ފޮނުއްވި رسول ންނަށް إيمان ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ.
އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ
ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި
ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. ﴿٢٨٥﴾
اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس އެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفس އަކަށް ވެއެވެ.
އަދި، އެ نفس އެއް ހޯދި
ނުބައިކަމެއް (ގެ عقاب) އެ نفس އެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ!
އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް)
އަޅަމެންނަށް عقوبات ނުދެއްވާނދޭވެ!
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް
ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ
ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް
އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ!
އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ!
އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް
އަޅަމެންނަށް نصر ދެއްވާނދޭވެ! ﴿٢٨٦﴾
No comments:
Post a Comment